ލޭއެޅުން
ލޭއެޅުން ނުވަތަ (އިނގިރޭސި ބަހުން: Blood transfusion) އަކީ އެކެއްގެ ހަށިގަނޑުގައި ހިމެނޭ ލޭ ނުވަތަ ލޭގެ ވަކި ބަޔެއް އަނެކާގެ ހަށިގަނޑަށް އެޅުމެވެ. ބައެއް ކަހަލަ ޙާލަތްތަކުގައި އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ލޭއަޅަން މަޖުބޫރު ވެއެވެ. މީގެ އިތުރުން ބައެއް ކަހަލަ ޙާލަތްތަކާއި ބައެއް ބަލިތަކުގެ ފަރުވާގެ ގޮތުގައި ވެސް ލޭއަޅަންޖެހެއެވެ.
ލޭއެޅުމާއި ލޭހަދިޔާކުރުމުގައި ބަލަންޖެހޭ ކަންތައްތައް
[އުނިއިތުރު ގެންނަވާ]- ލޭގެ ޔުނިޓެއްކަމުގައި ބަލަނީ 450މިލިލިޓަރ ވާނަމައެވެ. ގަނޑުވިޔަނުދިނުމަށް މިފަދަ ލޭ ކެމިކަލްތަކާއި، އެއްކުރެވެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި އަހަރަކު ގާތްގަނޑަކަށް 15މިލިއަން ޔުނިޓްގެ ލޭ ހަދިޔާ ކުރެވެއެވެ.
- ލޭ ހަދިޔާކުރާ މީހާއަކީ އުމުރުން 17ވެފައިވާ ބަރުދަނުގައި މަދުވެގެން 44ކިލޯ ހުރި މީހަކަށް ވާންޖެހެއެވެ.
- ލޭއެޅުމުގެ ކުރިން ލޭހަދިޔާކުރާ މީހާގެ ހަށިގަނޑުގައި ލޭގެ ޒަރީޢާއިން ވާސިލްވާ ބައްޔެއް ހުރިތޯ ވެސް ބަލަންޖެހެއެވެ. އަދި އެކަމުގެ ސަބަބުން ލޭހަދިޔާކުރާމީހާގެ ހަށިގަނޑަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެދާނޭތޯ ވެސް ބަލަންޖެހެއެވެ.
- ލޭ ހަދިޔާކުރުމުގެ ކުރިން ހަށިގަނޑުގެ ފިނިހޫނުމިން، ހިތުގެ ވިންދު ޖަހާމިންވަރު، ބަރުދަން، އަދި ލޭގެ ޕްރެޝަރ ހުރިމިންވަރު ދެނެގަންނަށް ޖެހެއެވެ.
- ލޭހަދިޔާކުރާ މީހަކީ ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހެއްތޯ ވެސް ބަލަންވާނެއެވެ.
- ލޭނެގުމަށް ( ހަދިޔާކުރުމަށް ) ގާތްގަނޑަކަށް 10 ނުވަތަ 20ވަރަކަށް މިނިޓް ނަގައެވެ.
- ލޭހަދިޔާކުރާމީހާ ލޭހަދިޔާކުރާ ދުވަހު، ކަސްރަތު ކުރުމާއި، ދުރުވާން ޖެހެއެވެ. އަދި ވީހާވެސް ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. އާންމުގޮތެއްގައި ގެއްލިގެންދާ ދިޔާތަކެތީގެ ބައި 24ގަޑިއިރުގެ ތެރޭގައި އަބުރާ ހަށިގަނޑަށް ލިއްބައިދެއެވެ.
- ކޮންމެ 8ހަފްތާއަކުން 1ފަހަރު ލޭހަދިޔާކުރެވިދާނެއެވެ. އެއީ ލޭހަދިޔާކުރުމުގެ ސަބަބުން ހަށިގަނޑުން އުނިވެގެންދާބައި އަބުރާހޯދުމަށް ދެމަސްދުވަހުގެ މުއްދަތެއް ބޭނުންވާތީ އެވެ.
އަފެރިސިސް
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަފެރިސިސް
އަފެރިސިސް ނުވަތަ (އިނގިރޭސި ބަހުން: Apheresis) އަކީ ހަދިޔާކުރެވުނު ލެއިން ވަކި ބައެއް ނެގުން ނުވަތަ ވަކިކުރުމެވެ. އަފެރިސިސް ހެދެނީ ކޮންމެ 4މަހުން 1ފަހަރުއެވެ. މިބީދައިން ލޭނެގުމަށް ނުވަތަ ހަދިޔާކުރުމަށް އެކެއް ނުވަތަ ދެގަޑިއިރު ހޭދަވެއެވެ. މިގޮތުން އެންމެ އާންމުކޮށް ވަކިކުރެވެނީ ލޭގެ ޕްލާޒްމާ، ޕްލޭޓްލިޓް، އަދި ލޭގެ ހުދު ސެލް ތަކެވެ. މިގޮތަށް ލޭ ނެގުމަށްފަހު ލޭގެ ކޮންމެ ޔުނިޓެއް ތަފާތު ބައިތަކަށް ވަކިކުރެވެއެވެ. އަދި މިއިން ކޮންމެ ބައެއްމެ، އެބައެއް ބޭނުންވެފައިވާ މީހުންނަށް ފޯރުކޮށް ދެވެއެވެ. އެހެން ކަމުން ލޭގެ އެންމެ ޔުނިޓަކުން ވެސް އެތައް ބަޔަކަށް މަންފާ ލިއްބައިދެއެވެ.
ލޭއެޅުމާއި ލޭގެ ގުރޫޕްތައް
[އުނިއިތުރު ގެންނަވާ]ތަފާތު ލޭގެ ގުރޫޕުތަކަށް ނިސްބަތްކޮށް ލޭއެޅިދާނެ ގޮތާއި، ލޭހަދިޔާކުރެވިދާނެ ގޮތްތައް މިތާގައި ފާހަގަކޮށްލާ ނަމެވެ.
- އޭބީ-ގުރޫޕު(AB):ކޮންމެ ގުރޫޕެއްގެ ލޭވެސް އެޅިދާނެއެވެ. ހަދިޔާކުރެވޭނީ ހަމައެކަނި އޭބީ-ގުރޫޕުގެ މީހުންނަށެވެ.
- އޯ ގުރޫޕް(O): ލޭއެޅޭނީ ހަމައެކަނި އޯގުރޫޕުގެ މީހެއްގެ ހަށިގަނޑުންނެވެ. ކޮންމެ ގުރޫޕެއްގެ މީހަކަށް ވެސް ލޭހަދިޔާ ކުރެވިދާނެ އެވެ.
- އޭ ގުރޫޕު(A): އޭ އަދި އޯ ގުރޫޕުގެ ލޭއެޅިދާނެ އެވެ. އޭ އަދި އޭބީ ގުރޫޕުގެ މީހުންނަށް ލޭ ހަދިޔާ ކުރެވިދާނެއެވެ.
- ބީ ގުރޫޕު(B): ބީ އަދި އޯ ގުރޫޕުގެ ލޭއެޅިދާނެއެވެ. ބީ އަދި އޭބީ ގުރޫޕުގެ މީހުންނަށް ލޭ ހަދިޔާ ކުރެވިދާނެއެވެ.
ލޭއަޅަންޖެހޭ ޙާލަތްތައް
[އުނިއިތުރު ގެންނަވާ]އާންމުގޮތެއްގައި ލޭއަޅަންޖެހެނީ އަންނަނިވި ހާލަތްތައް ކުރިމަތިވެފައިވާ މީހުންގެ ހަށިގަނޑަށެވެ.
- ފިހުން ، އެކްސިޑެންޓެއް ނުވަތަ އެހެނިހެން އަނިޔާއެއްގެ ސަބަބުން މާބޮޑަށް ހަށިގަނޑުން ލޭބޭރުވުން
- އޮޕަރޭޝަނެއްގެ ސަބަބުން މާގިނައިން ހަށިގަނޑުން ލޭބޭރުވުން
- ގުނަވަނެއް ބަދަލު ކުރަންޖެހިފައިވުން
- ލޭއަޅާބަލި ވާރުތަކޮށްފައި ވުން ނުވަތަ ހުރުން
- ލޭގެ ކެންސަރު ޖެހިފައިވުން
- ލޭގެ ބައެއް އެހެނިހެން ބަލިތައް
- ބައެއް ކަހަލަ އިންފެކްޝަންތައް
ލޭއެޅުމުގެ ކުރިން ސަމާލުވާންޖެހޭ ކަންތައްތައް
[އުނިއިތުރު ގެންނަވާ]- ލޭގެ ގުރޫޕު ގުޅޭތޯ ނުވަތަ ދިމާވޭތޯ ބެލުން
- ހަށިގަނޑަށް އެޅޭ ލޭގައި ހިމަގްލޯބިން (Hb)ހިމެނޭ މިންވަރު 90އިންސައްތަ އަށްވުރެ ދަށްނުވުން
- ހަށިގަނޑަށް އެޅޭ ލެޔަކީ ބަލިތަކުން ސަލާމަތްވެފައިވާ ( ޖަރާސީމެއް، ވައިރަހެއް، ނުވަތަ އެހެން ވެސް ބަލި ފަތުރުވާ އޯގަނިޒަމް އަކާއި ތަޣައްޔަރުވެފައިނުވާ) އެއްޗެއް ކަމުގައިވުން
- ހަށިގަނޑަށް އެޅޭ ލޭ ވާންޖެހޭނީ ގަނޑުނުވެ، ތާޒާކަން މަތީ ހުރި ލެޔަކަށެވެ.
- ލޭއެޅުމުގެ ކުރިން ޑައިރެކްޓް ކްރޮސް މެޗިންގ ޓެސްޓް ހެދުން
ލޭހަދިޔާކުރުން މެދުކަނޑާލުން
[އުނިއިތުރު ގެންނަވާ]ބައެއްމީހުން ވަގުތީ ގޮތުން ނުވަތަ ދާއިމީގޮތެއްގައި ލޭހަދިޔާކުރުމުން މަނާވެގަންނަށް ޖެހެއެވެ.
- ވަގުތީގޮތުން ލޭހަދިޔާކުރުމުން މަނާވެ ނުވަތަ ދުރުވަން ޖެހެނީ އަންނަނިވި ހާލަތްތައް ކުރިމަތިވެފައިވާނަމަ އެވެ.
- ފާއިތުވި 12-6ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވުން ނުވަތަ ހާރޓް އެޓޭކެއް ޖެހިފައިވުން
- ފާއިތުވި 3އަހަރުގެ ތެރޭގައި މެލޭރިޔާ ޖެހިފައިވުން، ނުވަތަ ފާއިތުވެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދާއިމީގޮތެއްގައި މެލޭރިޔާ ބަލި ފެތުރިފައިވާ ހިސާބަކަށް ދަތުރުކޮށްފައިވުން
- ލޭ ނުވަތަ ލޭގެ ވަކިބައެއް ފާއިތުވި އަހަރެއްހާ ދުވަހުގެތެރޭގައި އެޅުން
- ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޓެޓޫ މާރކް ފަދަ އެއްޗެއް ޖަހައިފައިވުން
- ލޭހަދިޔާކުރުމުގެ 72ގަޑިއިރުގެ ކުރިން އެންޓިބަޔޮޓިކެއް ބޭނުންކޮށްފައިވުން
- ދާއިމީގޮތެއްގައި ލޭހަދިޔާކުރުމުން މަނާވެ، ނުވަތަ ދުރުވަން ޖެހެނީ އަންނަނިވި ހާލަތްތަކުގައެވެ.
- ބައެއް ވައްތަރުގެ ކެންސަރަށް ފަރުވާއެއްގެ ގޮތުގައި ރޭޑިއޭޝަން ނުވަތަ ކީމަތެރަޕީ ހަދަމުން ގެންދިއުން
- އުމުރުން 11އަހަރު ފުރުނު ފަހުން ފުރަމޭ ދުޅަވުން(Hepatitis) ޖެހިފައިވުން
- އޭޑްސް ބަލި ޖެހިފައިވުން ނުވަތަ އެއިޑްސް ޖެހުމުގެ ފުރުސަތު އޮތުން
ލޭނުގުޅުން
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ލޭނުގުޅުން
ލޭނުގުޅުން ނުވަތަ (އިނގިރޭސި ބަހުން: Transfusion reaction) ކުރިމަތިވަނީ އޭ އެންޓިޖަން ހުރި [[ލޭގެ ރަތް ސެލް ތަކާއި، އެންޓި-އޭ އަގުލޫޓިނިން ތައް އެއްވުން، ނުވަތަ ބީ އެންޓިޖަން ހުރި ލޭގެ ރަތް ސެލް ތަކާއި، އެންޓި-ބީ އަގުލޫޓިނިން ތައް އެއްވާގޮތް ދިމާވެެއްޖެ ނަމަ އެވެ. އެހެންގޮތަކަށް ބުނާނަމަ އޭ ގުރޫޕުގެ ލޭ ހުރިމީހެއްގެ ގަޔަށް ބީގުރޫޕުގެ ލޭ ހުރި މީހެއްގެ ހަށިގަނޑުން ލޭ އަޅާނަމަ އެވެ.